ގދ. މަޑަވެލީގައި ކުރިއަށްގެންދާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފޭސްގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އެވެ.
މި މަޝްރޫޢަކީ މަޑަވެލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި، ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
- 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން.
- 1645 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
މި މަޝްރޫޢަކީ ޖުމްލަ 174.58 މިލިއަން ރުފިޔާއަށް، 400 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަސައްކަތެކެވެ.
2,095 މީހުންގެ އާބާދީއެއް އޮންނަ މަޑަވެލި އަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ. މި މަޝްރޫޢު ނިމުމުން، ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ރައްޔިތުންނަށް އެދެވޭ ހައްލެއް ލިބިގެންދާނެއެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއެކު، ރަށަށް އުދައެރުމާއި ރަށް ގިރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެއެވެ.