ކުރިއަށް އޮތް20 އަހަރަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ މަޝްރޫއެއްގައި ސޮއިކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ‘ދަ ގްރޭޓާ އައްޑޫ’ ވިޝަންގެ ތަފްސީލް ލޯންޗު ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި އެތައް ދައުރެއް ނިމިގެން ދިޔަ އިރުވެސް އައްޑޫ ސިޓީގައި އަދާ ހަމައަށް ހައްލު ނުވެ އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަ އެވެ. އެހެންވެ، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުމާއެކު، އެށިގެންދާ މަޝްރުއިން 26 މެގަވޮޓުގެ ކަރަންޓު އަޑޫ ސިޓީއަށް ފޯރުކޮށްދޭނެ ވަރުގެ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށާއި މި މަސައްކަތް އަންއަހަރުގެ ޖުލައިހުގެ ކުރިން ނިންމޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
“މި އަންނަ އަހަރުގެ ޖުލައި މަހާ ހަމައަށް ދާއިރު މި މަޝްރޫއު އެއްކޮށް ނިމި، ކުރިއަށް އޮތް 20 އަހަރަށް އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލަ ހައްލުވެގެންދާނެ މިކަމުގެ ސަބަބުން.” ރައީސް ވިދާޅުވެފައިވެއެވެ.
މި މަޝްރޫއަށް ހުރަސްއަޅާނެ އެއްވެސް މީހަކު ކުރިއަށް އޮތް ލޯކަލް އިންތިހާބުގައި ނުހޮވުމަށް ވެސް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.