‘ދަ ގްރޭޓާ އައްޑޫ’ ވިޝަންގެ ތަފްސީލް ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ލޯންޗުކޮށްފިއެވެ.
މި ހަފްލާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއި ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހް ބައިވެރިވެވަޑައިގަނެފައިވެއެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނާއި ޕީއެންސީގެ މެންބަރުންނާއި އެޕާޓީގެ ގިނަ ސަޕޯޓަރުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ހަފްލާގައި އައްޑޫ ތަރައްގީ ކުރުމަށް މިސަރުކާރުން، ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ނިއްމާފައިވާ ކަމުގެ އުފާވެރި ހަބަރު ވަނީ ދީފައެވެ. މި މަޝްރޫތަކުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކޮންގްރެސް ޕާޓީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އެހެނިހެން ސިޓީތަކުގެ އިތުރުން ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މި އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.