ދެ އިންތިހާބު އެއްކޮށްލުމުން ރިޔާސީ ދައުރު ދިގުވާނެ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އިނގުރާދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީއެންސީގެ ކެންޕެއިން މެނޭޖަރު، ފަލާހު މިހެން ވިދާޅުވެފައި ވަނީ މިއަދު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. ޕީއެންސީން މިއަދު ބޭއްވި މި ބައްދަލުވުމަކީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހުރި ސުވާލުތަކަށް ޖަވާބު ދިނުމަށް ބޭއްވި ބައްދަލުވުމެކެވެ.
ފަލާހް ވަނީ އިދިކޮޅު ޕާޓީން ދައްކަމުން އަންނަ ވާހަކަތައް ދޮގުކޮށް، ދެ އިންތިހާބު އެއްކޮށްލުމުގެ އިސްލާހުގެ ސަބަބުން ރިޔާސީ ދައުރު ދިގު ނުވާނެކަމަށް ވިދާޅުވެފައެވެ. އަދި މި އިސްލާހުގެ ސަބަބުން ޕީއެންސީއަށް ޕާޓީއެއްގެ ހައިސިއްޔަތުން އެއްވެސް ފައިދާއެއްނުވާނެ ކަމަށް ވިދާޅިވެފައެވެ. އަދި މިކަމުގެ ސަބަބުން ފައިދާ ވާނީ މުޅިގައުމަށް ކަމަށް ވެސް ވިދާޅުވެފައެވެ.
މި ރިޔާސީ އިސްލާހުގައި އެއްވެސް ވަރަކަށް، ރިޔާސީ އިންތިހާބު ދައްމާލާނެ ކަމުގެ އެއްވެސް ވާހަހައެއް ގެނެސްފައި ނުވާނެކަމަށާއި ހަމައެކަނި މި އިސްލާހުގައި ވާނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ކަމަށް ފަލާހް ފާހަގަކުރައްވާފައިވެއެވެ.
މި ބަދަލާއެކު ރައްޔިތުންގެ މަޖިލީހުގެ ހަ މަސްދުވަސް ކުރުވާނެއެވެ. އެއީ މި ބަދަލާއެކު ރައްޔިތުން މަޖިލީހުގެ ދައުރު ފެށޭނީ ކޮންމެ ފަހަރަކު ވެސް ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.
މިއީ ޕީއެންސީއިންވާ ވަރަށް ބޮޑު ގުރުބާނީއެއްކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ރިޔާސީ ދައުރެއް ދައްމާލަން އުޅޭ ވާހަކަ އަކީ ވަރަށް ބޮޑު ދޮގެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
“ހަގީގަތުގަ މިފަހަރު ވެސް އަޅުގަނޑުމެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ސުޕާ މްޖޯރިޓީ އޮތް އިރުގަ އަޅުގަނޑުމެން މި ވަނީ ވަރަށް ބޮޑު ގުރުބާނީއެއް. އަޅުގަނޑުމެން، 6 މަސް ދުވަސް އަޅުގަނޑުމެންގެ ދައުރުން މި ކުރު ކުރީ. އެކަމަކު އިދިކޮޅު ފަރާތްތަކުން ވިއްކަނީއޭ، ރިޔާސީ ދައުރެއް ދައްމާލަން އުޅެނީއޭ. އެހެންމަ މީވަރަށް ވަރަށް ދޮގު ވާހަކަތަކެއް ހަގީގަތުގަ.” ފަލާހް ވިދާޅުވެފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދާ އާންމު ވޯޓު ނެގުމަށް ކަނޑައަޅުއްވާފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ތާރީހު ކަމަށް ވާ އޭޕްރިލް 4 އެވެ.