މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރަމުންދާތީ، ފުރަންދާ ފަތުރުވެރިންނާއި ދަތުރުވެރިން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ކަށަވަރުކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
އެމްއޭސީއެލް އިން ބުނީ، މަސްރަޙުގައި ހުރި ނުތަނަވަސްކަމުގެ ސަބަބުން ބައެއް އެއަރލައިންތަކުގެ ދަތުރުތަކަށް ބަދަލު އަންނަމުންދާ ކަމަށެވެ. އެހެންކަމުން، ކޮންމެ ފަސިންޖަރަކުވެސް އެމީހަކު ދަތުރުކުރަން ހަމަޖެހިފައިވާ އެއަރލައިނެއްގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން ޓުއަރ އޮޕަރޭޓަރުން މެދުވެރިކޮށް މައުލޫމާތު ސާފުކުރުމަށާއި، އެ ފަރާތްތަކުންދޭ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.
ފަސިންޖަރުން ސަމާލުކަން ދިނުމަށް އެމްއޭސީއެލް އިން ބާރުއަޅާ ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ދަތުރުކުރާ އެއަރލައިންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕް މެދުވެރިކޮށް، ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން.
- ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރުތަކާއި ފްލައިޓްތަކުގެ ތަފްސީލު އޮޅުންފިލުވުން.
- ޓުއާ އޮޕަރޭޓަރުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުން.
- ދަތުރަށް ދުރާލާ ތައްޔާރުވުން.
ފްލައިޓްތަކުގެ އެންމެ ފަހުގެ ޝެޑިއުލް fis.com.mv އިން ފެންނަން ހުންނާނެކަން ފާހަގަކުރަމުން، ދަތުރަށް ދުރާލާ ތައްޔާރުވުމަށްވެސް އެމްއޭސީއެލް އިން ވަނީ ނަސޭހަތްތެރިވެފައެވެ.
މިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި، ރިސޯޓްތަކާއި ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނުން، ފަތުރުވެރިން ފުރުވުމުގެ ކުރިން އެއަރލައިންތަކުގެ ޝެޑިއުލަށް އައިސްފައިވާ ބަދަލުތައް ރަނގަޅަށް ކަށަވަރުކުރުމަށް ވަނީ އަންގާފައެވެ. އަދި ދަތުރުތައް ކެންސަލްވުމުގެ ސަބަބުން ރާއްޖޭގައި މަޑުކުރަންޖެހޭ ފަތުރުވެރިން، އެއަރލައިންތަކާއި ކަމާގުޅުންހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.