މެދުއިރުމަތީ މިހާރު ކުރަމުދާ ހަނގުރާމައާއި ގުޅިގެން ފްލައިޓްތައް ކެންސަލްވެ، ރާއްޖާގައި 1400 އެއްހާ ފަތުރުވެރިން ނުފުރި ތާށިވެފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ހަނގުރާމައާ ގުޅިގެން މެދު އިރުމަތީގެ ގިނަ ދަތުރުތަކާއި އުދުހުންތައް އެއްކޮށް މެދުކަނޑާލާފައިވާއިރު، ގައުމުތަކުގެ މި ކުއްލި ނިންމުމާއި އެކު މިއަދު ރާއްޖެއިން ގައުމުތަކަށް ފުރަން އޮތް ގިނަ ފަތުރުވެރިންތަކަކަށް ވަނީ ފުރޭ ގޮތް ނުވެފަ އެވެ. އޭގެ ތެރޭގައި ގާތްގަނޑަކަށް 1400 އެއްހާ ފަތުރުވެރިން ހިމެނޭ ކަމަށް އެންވާރަމަންޓް މިނިސްޓަރ ތޯރިގް ވިދާޅުވި އެވެ.
އެއަރޕޯޓްގައި ހުރި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ފްލައިޓްތައް ކެންސަލްވުމާއި އެކު، ނުފުރިފައި ތިބި ފަތުރުވެރިންނަށް ރިސޯޓު ނުވަތަ ގެސްޓް ހައުސްއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްއޭސީއެލް އާއި މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، އެހެން ފްލައިޓްތަކަށް ޓިކެޓް ބަދަލުކޮށްގެން ދާން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ވެސް ފޯރުކޮށްދެމުން އަންނަ ކަމަށާއި އަދި އެއަރޕޯޓުގައި މަޑުކޮށްގެން ތިބި ފަތުރުވެރިންނަށްވެސް އެހީތެރިވަމުން އަންނަކަމަސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މެދުއިރުމަތީގައި ހަނގުރާމައެއް ފެށި ވައިގެ ސަރަހައްދުތައް ބަންދުކޮށްފައިވާތީ، އެ ސަރަހައްދަށް ދަތުރުކުރާ މީހުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ހާއްސަ އެޑްވައިޒަރީއެއްވެސް މިއަދު ނެރެފައެވެ.