މެދުއިރުމަތީ ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައ ިސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ކަށަވަރުކަން ދިނުން ކަމަށް އިޤުތިސާދާއި ތަރައްޤީއާއި ވިޔަފާރިޔާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ހަނގުރާމައިގެ ސަބަބުން ސަޕްލައި ޗެއިން އަށް ދިމާވެދާނެ ދަތިދައް މޮނީޓާރކޮށް ރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ލިބޭނޭކަން ސަރުކާރުން ކަށަވަރުކުރަމުން ދާ ކަމަށެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ބައިނަލްއަޤުވާމީ މުދާ އުފުލުމުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތަކަށް އެ ވުޒާރާއި ދައުލަތުގެ ކަމާއި ގުޅުންހުރި އެހެން އިދާރާތަކާއި އެކު ވަރަށް ގާތުން ދިރާސާކުރަމުން އަންނަ ކަމަށެވެ. އަދި، ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ މާކެޓްތަކާއި ރޫޓް ތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ އެކަންކަމުން އަރައިގަންނާނެ އިތުރު އެހެން ގޮތްތައްވެސް އެ ވުޒާރާއިން ބަލަމުން އަންނަކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ކަށަވަރުކަން ދިނުން ކަމަށްވާއިރު، ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތަކާއި ގުޅިގެން ކުރަމުން ދާނެ ކަމުގެ ޔަޤީންކަންވެސް ވުޒާރާއިން ވަނީ ދެއްވާފައެވެ.