ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ވެސް ރަނގަޅީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕީއެންސީން ބޭއްވި “ކޮންގުރެސް ތަރާވީސް” އިވެންޓުގައެވެ.
ރައީސް ވިދާޅުވިގޮތުގައި ކޮންމެ ފަސް އަހަރަކުން ތިން އިންތިހާބު ބޭއްވި ނަމަވެސް އެންމެ ގިނަ ރައްޔިތުން ވޯޓުލާން ނިކުންނާނީ ރިޔާސީ އިންތިހާބުގައެވެ. އެހެންވެ، މި އިންތިހާބުގެ ހަ މަސްފަހުން ބާއްވާ މަޖިލިސް އިންތިހާބަށް ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުވާނެއެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ މަދުން މީހުން ނިކުމުމެ ވޯޓު ލައިގެން މަޖިލިސް މެންބަރުން ހޮވުމަށްވުރެ، ގިނަ މީހުން ވޯޓުލައިގެން މެންބަރަކު ހޮވުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މިކަން ހާސިލް ވާނީ ދެ އިންތިހާބު އެއްކޮން ބާއްވައިގެން ކަމަށާއި، ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
“ޑިމޮކްރަސީގެ ހަމަތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން. އޭގެ ސަބަބުން ރައްޔިތުންނަށް ވާ ފައިދާތައް ވަރަށް ބޮޑު ކަމަށް،” އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް އިތުރައް ވަނީ، ދެ އިންތިހާބު އެއްކޮށްލުމުން ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު ހަރަދެއް ސަލާމަތް ވެގެންދާނެ ކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން، އިންތިހާބުގެ ހަރަދު ދެފަހަރަށް ކުރުމަށްވުރެ، ރައްޔިތުންގެ ނިއްމުން އެއްދުވަހަކަށް ނިއްމަން ފުރުސަތު ދިނުމުން ރައްޔިތުންނަށް ލިބޭ ފައިދާ މާ ބޮޑުވާނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.
މިއާއެކު، ދެ އިންތިހާބު އެއްކޮށްލަން ފާސްވެއްޖެނަމަ މާލިއްޔަތު ގާނޫންނަށް ވެސް އިސްލާތު ހުށައަޅާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި 30 ސެޕްޓެމްބަރުގެ ކުރިން މަޖިލީހަށް ބަޖެޓު ފާސްކުރުން އޮންނަ އޮތުން ލަސްކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ބަޖެޓު ފާސްކުރެވޭ ގޮތަށް އިސްލާހު ގެންނާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.