ޗާގޯސްގެ ޖަޒީރާ ރަށްތަކާ މެދު އުފެދިފައިވާ ހިލާފުތަކާ ގުޅިގެން، ރާއްޖެއާ އެކު، ހާރިޖީ ގުޅުން ސަސްޕެންޑްކުރަން މޮރިޝަސްގެ ސަރުކާރުން ނިންމައިފި އެވެ.
ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން ދެކޮޅުހަދާ ކަމަށާއި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖެއިން ދެކޮޅުހަދާކަމަށް ވެސް މޮރިޝަސްގެ ކެބިނެޓުގެ ނިންމުމުގައި ވަނީ ފާހަގަކޮށްފައެވެ.
މި ސަބަބުތަކާއި އެކު މި ވަގުތުން ފެށިގެން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑު ކުރުމަށް ކެބިނެޓުން ނިންމާފައިވާކަމަށް ވެސް އެ ނިންމުމުގައި ވެއެވެ.
މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑު ކުރުމަށް ކެބިނެޓުން ނިންމާފައިވާއިރު، އިނގިރޭސި ވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނައިޖެލް ފަރާޖް ވެސް މި ހަފުތާގައި ވަނީ ޗާގޯސްގެ މައްސަލާގައި ރާއްޖެއާ އެއްކޮޅަށް ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވައިފަ އެވެ.
މޮރިޝަސްގެ މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.