ބ. ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ބިން ހިއްކުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ދޮގުކުރައްވައިފި އެވެ.
ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވުގައި ހިމެނޭ ހަނިފަރު ބޭ ކައިރީ އޮންނަ ދަރަވަންދޫ އިން އެ ސަރަހައްދާ ވަރަށް ކައިރިން އެއާޕޯޓަށް ބިން ހިއްކަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އަދި ބައެއް ޚަބަރުފަތުރާ ވަސީލަތްތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.
އެކަން ދޮގުކޮށް މިނިސްޓަރ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރަވަންދޫ އެއާޕޯޓުގެ ރަންވޭ ދިގުކުރަން ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް މި ވަގުތަށް ރާވާފައި ނެތް ކަމަށާއި، މި ވަގުތު އެންމެ އިސްކަމެއް ދެނީ އެއަރޕޯޓުގައި މިހާރު ހުރި ވަސީލަތްތައް ތަރައްގީކޮށް، ޓާމިނަލްގެ އިންފްރާސްޓްރަކްޗާ އިތުރަށް ފުރިހަމަ ކުރަން ކަމަށެވެ.
މީގެ އިތުރުން، ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް ވަނީ މިކަން ދޮގު ކުރައްވާ ޕޯސްޓެއް ކުރައްވާފައެވެ. މި ޕޯސްޓުގައި ދަރަވަންދޫ ބިން ހިއްކުމުގެ މަޝްރޫއަކަށް މިދިޔަ އަހަރުގެ މެދުތެރޭގައި ޕްރިލިމިނަރީ ކޮންސެޕްޓެއް ހަދަން ނިންމިއަސް، ބިން ހިއްކުމުގެ އެއްވެސް މަޝްރޫއަކަށް އަދި ރުހުން ދީފައި ނުވާ ކަމަށާއި، އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފި ނަމަ ދަރަވަންދޫ ކައުންސިލަށް އެކަން ރަސްމީކޮށް އަންގާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިވަގުތު އެއްވެސް ޕްރޮޖެކްޓެއް ފެށުމުގެ ހުއްދައެއް، އަދި މި ކަމާއި ގުޅޭ އެއްވެސް ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައި ނެތް ކަމަށްވެސް މިނިސްޓަރު ވަނީ އެ ޕޯސްޓުގައި ބުނެފައެވެ.