ވެރިކަން ކުރުމުގައި އަބަދުވެސް އިސްކުރާނީ އިހުލާސްތެރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން އާޓިފިޝަލް ބީޗްގައި ބޭއްވި ތަރާވީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމުގެ ޒިންމާ އަކީ ﷲ އެމަނިކުފާނާ މަތި ކުރެވި އަމާނާތެއް ކަމަށެވެ. އަދި މި މަސްއޫލިއްޔަތު އަދާ ކުރުމުގައި އަބަދުވެސް އިހްލާސްތެރިކަމާއި، ތެދުވެރިކަން އިސްކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިގޮތުން، ރައްޔިތުން ހިޔާލު ހޯދަންޖެހޭ ކަންކަމުގައި އާއި ރައްޔިތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައިވެސް އިހްލާސްތެރިވެ، ހަވާލުވެފައިވާ ޒިންމާތައް އަދާ ކުރުމުގައި މި ނޫން ގޮތަކަށް ކަންކަން ނުކުރުމަށް ރައީސް ވަނީ ނަސޭހަތްތެރި ވެފައެވެ.
ސަރުކާރުގެ ގިނަ އިސްވެރިންތަކެއް ބައިވެރިވި މި ތަރާވީހުގައި އާންމުންގެ ގިނަ ބަޔަކުވެސް ވަނީ ބައިވެރި ވެފައެވެ.