ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކުޅުދުއްފުށި ސިޓީގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ހުޅުވައިދެއްވައިފިއެވެ.
މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގ އިތުރުން ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީއެންސީގެ ޓިކެޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ އިތުރުން މާލެ ސިޓީގެ ޕީއެންސީ މޭޔަރ ކެންޑިޑޭޓް ރޓޑ މޫސާ އަލީ ޖަލީލް އަދި ކައުންސިލަށް ޕީއެންސީ ޓީކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ކޮންގްރެސް ޕާޓީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އެހެނިހެން ސިޓީތަކުގެ އިތުރުން ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެންދަވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މި އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.