ގިރާވަރު ފަޅުން 15 ހެކްޓަރު ބިން ހިއްކާ ނިންމައިފި ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.
2 ޑްރެޖަރު ބޭނުންކޮށްގެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަމަހުގެ 30 ވަނަ ދުވަހު އެވެ. މިއާއިއެކު އެމްއޭސީއެލްއިން މި މަސައްކަތް ދަނީ ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމްލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު, އެމްއޭސީއެލްއިން މިދިޔަމަހު ހިއްކަން ފަށާފައިވަނީ ގިރާވަރުފަޅުން ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިމެވެ. މިހާތަނަށް 15 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާއިރު، މިއީ ހިއްކުމަށް ހަމަޖެހިފައިވާ ބިމުގެ %15.44 އެވެ.
ކުއީން އޮފް ދި ނެދަލޭންޑްސް އާއި އޮރެންޖީ ކިޔާ 2 ޑްރެޖަރު މި މަސައްކަތައް ބޭނުން ކުރާއިރު، ކުއީން އޮފް ދި ނެދަލޭންޑްސްއަކީ އެއްފަހަރާ 35،500 ކިޔުބިން މީޓަރުގެ ބިން ހިއްކޭ އަދި އޮރެންޖީއަކީ އެއްފަހަރާ 22،000 ކިޔުބިން މީޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ހުންނަ ޑްރެޖަރެއްކަމަށް އެމްއޭސީއެލްއިން މައުލޫމާތު ދެއެވެ.
މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބިންހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.