ދިވެހި ފިލްމު އިންޑަސްޓްރީގެ ނަން ހިނގާ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރެއްް ކަމަށްވާ އަހްމަދު ނިމާލް ނިޔާވެއްޖެއެވެ.
ސްޓްރޮކެއް ޖެހިގެން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ނިމާލް ނިޔާވެފައި ވަނީ މި އަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ނިމާލަށް ސްޓްރޮކް ޖެހުމުން އެންމެ ފުރަތަމަ ފަރުވާ ދޭން ގެންގޮސްފައި ވަނީ އޭޑީކޭއަށެވެ. ނަމަވެސް މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު ނިމާލް ވަނީ އައިޖީއެމްއެޗް އަށް ބަދަލުކޮށް ފަރުވާދޭން ފަށާފަ އެވެ.
ނިމާލުގެ ފިލްމީ ހަޔާތް ފަށާފައި ވަނީ 1984 ގައެވެ. އޭނާ އަކީ ދިވެހި ގިނަ ފިލްމުތަކުން ފެނިގެން ދިޔަ މޫނެކެވެ. އެހެންކަމުން، ދިވެހި ފިލްމު އިންޑަސްޓްރީގައި އޭނާ އަކީ އެކްޓުކުރުމާއި، ޑައިރެކްޓް ކުރުމުގެ އިތުރުން ލިޔުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަންނާނެކެވެ. އަދި ނިމާލަކީ އެންމެ މޮޅު ޑައިރެކްޓަރުގެ ގައުމީ އެވޯޑު ލިބިފައިވާ ފަރާތެކެވެ. މީގެ އިތުރުން ވެސް އެތައް އެވޯޑެއް އޭނާއަށް ވަނީ ލިބިފަ އެވެ.
ނިމާލް އެންމެ ފުރަތަމަ ކުޅެފައިވާ ފިލްމަކީ “ނުފޫޒު” އެވެ. މީގެ ފަހުން ދިވެހިންގެ ތެރެއިން މަޝްހޫރުވެގެން ދިޔަ ގިނަ ފިލްމުތަކެއް އޭނާ ވަނީ ކުޅެފައެވެ. އެގޮތުން، “ޔޫސުފް”، “ޒަލްޒަލާ”، އަދި “ނިއުމާ” ފަދަ ފިލްމުތައް އޭނާ ވަނީ ކުޅެފައެވެ. އަދި މިދިޔަ އަހަރު އެންމެ ފަހުން ނެރުނު ފިލްމުތައް ކަމަށްވާ “ކަނބުލޮ” އަދި “ލިލީ” އިން ވެސް ނިމާލް ވަނީ ފެނިފައެވެ. މި ދެ ފިލްމަށް ވެސް ދިވެހިންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.