ރާއްޖެއަށް ގެނައި 56 އެމްބިއުލާންސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރަށްތަކަށް ފޯރުކޮށްދީފި އެވެ.
މި އެންބިއުލާންސް ތަކަކީ، އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމަގެ ދަށުން ރާއްޖެ ގެނެސްފައިވާ އެންބިއުލާންސްތަކެކެވެ. ހެލްތު މިނިސްޓްރީން ހިންގާ މި ޕުރޮގުރާމުގެ ދަށުން ކޮންޓްރެކްޓަރު ފައިނޭންސް އުސޫލުގެ ދަށުން މި އެންބިއުލާންސްތައް ގެނައުމަށް އެމްޕީއެލާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގަ އެވެ.
އެމްޕީއެލުން ބުނިގޮތުގައި މި އެމްބިއުލާންތަކުގެ ތެރެއިން އެއް އެންބިއުލާންސް ދީފައި ވަނީ މޯލްޑިވްސް ކަރެކްޗަން ސާވިސްއަށެވެ. ބާކީ 55 އެންބިއުލާންސް ފޯރުކޮށްދީފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނިގެ އެކި ރަށްތަކަށެވެ.
އެމްބިއުލާންސް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެމްޕީއެލް އިން ފެށީ، މިދިޔަމަހުގެ 17 ވަނަ ދުވަހުގައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގައި މި މަސައްކަތް ފުރިހަމަކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އެމްޕީއެލުން އިތުރަށް ބުނިގޮތުގައި، އެމްބިއުލާންސް ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަންނީ މައުލޫމާތު، އެކުންފުނީގެ މެކޭނިކަލް ޓީމުން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނަށް ފޯރުކޮށްދީފައިވެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ އެމްބިއުލާންސްތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެކުންފުނިން އެހީވެދީފައިވާ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.
އެމްޕީއެލުން ބުނިގޮތުގައި ހެލްތު މިނިސްޓްރީއާއެކު، ސާރްވިސް ކޮންޓްރެކްޓް ހަދައި، އެމްބިއުލާންސްތައް ސަރްވިސްކުރުމާއި ބޭނުންވާ ސްޕެއަރް ޕާޓްސް، ފޯރުކޮށްދިނުމަށްވެސް އެކުންފުނިން ދަނީ މަޝްވަރާ ކުރަމުންނެވެ.