ސްޓޭޓް ޓްރޭޑިން އޮރްގޭނިޒޭޝަން (އެސްޓީއޯ) އިން ފިޔަލާއި އަލުވީގެ އަގު ހެޔޮކޮށްފި އެވެ.
ރޯދަމަހު އާންމުންނަށް ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށާއި ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯއިން ވަނީ ފިޔަލާއި އަލުވީގެ އަގުތައް ހެޔޮކޮށްފަ އެވެ.
އަގުތަކަށް އައި ބަދަލަށް ބަލާއިރު، ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު 10 ރުފިޔާއަށް ވަނީ ހެޔޮކޮށްފަ އެވެ. އަދި ފިޔާ ބަސްތާއެއްގެ އަގު 250 ރުފިޔާއިން 190 ރުފިޔާއަށް ވަނީ ތިރިކޮށްފަ އެވެ.
އަލުވީގެ އަގަށް ގެނައި ބަދަލާއެކު، ކުރިން 14 ރުފިޔާއަށް ލިބުނު ކިލޯއެއް މިހާރު ލިބޭނީ 12 ރުފިޔާއަށެވެ. އަދި އަލުވި ބަސްތާއެއްގެ އަގު ވާނީ 300 ރުފިޔާއިން 160 ރުފިޔާއަށް ބޮޑުތަނުން ހެޔޮކޮށްފަކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
އެސްޓީއޯއިން އެތެރެކުރާ އަސާއީ ކާބޯތަކެތީގެ ބާވަތްތައް ވަކިން ގަންނަ ފަރާތްތަކަށް ފަސޭހަ ކަމާއެކު އެތަކެތި އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. އަދި ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން އެ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެ އެވެ.
ބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް އެސްޓީއޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.