ގދ.ތިނަދޫ ފޭސް 3ގެ މަގުތައް ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންތް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ތިނަދޫ ފޭސް 3ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިން މިނިސްޓަރު ޑރ ޑރ. އަބްދުﷲ މުއްތަލިބް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ކުންފުނިގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ނަތީމްއެވެ.
ތިނަދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ވެސް ކޮށްފައި ވަނީ އާރްޑީސީން ނެވެ. ސަރުކާރުން މިފިޔަވަހީގެ މަސައްކަތްތައް އާރްޑީސީއާއި ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޭޕްރިލް 8ގައެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 14 މަގެއްގައި އާރްޑީސީން ތާރުއަޅާފައިވެއެވެ.