ށ. މާއުނގޫދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ ފައުންޑޭޝަން މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕަނީ (އެމްޓީސީސީ) އަޅައިފި އެވެ.
އެމްޓީސީސީން ބުނިގޮތުގައި މިހާރު މާއުނގޫދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ ފައުންޑޭޝަން މިހާރު ވަނީ އަޅާ ނިއްމާ ފައެވެ. އަދި މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެ ކަމަށް އެކުންފުނިން ބުނެފައިވެ އެވެ.
މިދިޔަ އަހަރުގެ މާޗު މަހުގައި ސަރުކާރުން ވަނީ ހަތަރު ރަށެއްގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކުގެ އައު އިމާރާތް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެގޮތުން، ނ. ފޮއްދޫ ސިއްހީ މަރުކަޒު، ށ. މާއުނގޫދޫ ސިއްހީ މަރުކަޒު، ވ. ފެލިދޫ ހޮސްޕިޓަލް، އަދި ތ. ވިލުފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ.
މި ރައްރަށުގައި ހޮސްޕިޓަލާއި ސިއްހީ މަރުކަޒު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.