ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިހާބު އެއްކޮށް އޮންނަނަމަ ރާއްޖޭގެ 80 އިންސައްތަ ނުވަތަ 90 އިންސައްތަ ރައްޔިތުން ވޯޓުލާން ނުކުންނާނެކަމުގެ ޔަގީންކަށް އޮތްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާލުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވެފައި ވަނީ، ޕީއެންސީގެ ތިނަދޫ ސިޓީ މާލެ އޭރިއާ ކެންޕެއިން އޮފިސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވާ ނަމަ ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމާތް ވާނެއެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމުން ވޯޓުލާން ނިކުންނަ މީހުންގެ އަދަދުވެސް އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
“ދެ އިންތިހާބު އެއްކޮށް އޮންނަނަމަ ޔަގީން އަޅުގަނޑަށް ރާއްޖޭގެ 80 އިންސައްތަ ނުވަތަ 90 އިންސައްތަ ރައްޔިތުން ވޯޓުލާން ނުކުންނާނެކަން. މިއީ ވަރަށް މުހިންމު ކަމެއް.” ފަލާހް ވިދާޅުވެފައިވެއެވެ.
ފަލާހު އިތުރަށް ވިދާޅުވިގޮތުގައި ދުނިޔޭގެ އެންމެ ބޮޑެތި ގައުމުތަކުގައި ވެސް އޮންނަނީ ދެ އިންތިހާބު އެއްކޮށްލާފައެވެ. މިގޮތައް އެހެންގައުމުތަކުން ހަމަޖައްސާފައި ވަނީ، މިކަމުން ގިނަ ފައިދާތަކެއް ލިބޭތީ ކަމަށް ފަލާހް ވިދާޅުވެފައިވެއެވެ.
އެހެންކަމުން ހުރިހާ ރައްޔިތުން ރެފަރަންޑަމްގައި ވޯޓުލާއިރު ދެ އިންތިހާބު އެއްކޮށްލަން ފެންނަ ކަމަށް، ފާހަގަޖެހުމަށް އޭނާ ވަނީ ގޮވާލާފައެވެ. އޭނާ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓަށް 80 މިލިއަން ރުފިޔާ ފައިދާވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ ހިޔާލު ހޯދާ އާންމު ވޯޓު ނެގުމަށް ކަނޑައަޅުއްވާފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާ ތާރީހު ކަމަށް ވާ އޭޕްރިލް 4 އެވެ.