ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ތިނަދޫ ސިޓީ މާލެ އޭރިއާ، ކެންޕެއިން އޮފިސް ރޭ ހުޅުވައިފި އެވެ.
މި ކެންޕެއިން އޮފީސް ރަސްމީކޮށް ހުޅުވާދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާދިޖާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި މެޑަމްގެ އިތުރުން ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު އާއި، ދާއިރާ އަށް ކުރިމަތިލީ ކެންޑިޑޭޓުން އަދި ޕާޓީގެ އިސްވެރިންނާއި ދާއިރާގެ ގިނަ ރައްތުން ބައިވެރިވެވަޑއިގަތެވެ.
މިއާއެކު، މިރަސްމިއްޔާތުގައި އެޕާޓީގެ މަޖިލިސް މެންބަރުންނާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލައްވާފައިވާ މެންބަރުން ބައިވެރިވެވަޑައިގަނެފައިވެއެވެ.
އޭޕްރިލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތިލައްވާ ޕީއެންސީގެ ކެޑިޑޭޓުންގެ ކެންޕެއިންއަށް، އެ ޕާޓީން އަންނަނީ ވަރަށް ގިނަ ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން ގުރޭޓާ މާލެ ސަރަހައްދުތަކުގައާއި އެހެން ސިޓީތަކުގައި ޕީއެންސީގެ ކެންޕެއިން ޖަގަހަތައް ދަނީ ހުޅުވަމުންނެވެ. މިފަދަ ބައެއް ޖަގަހަތައް ހުޅުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެރިވެވަޑައިގަނެފައިވެއެވެ.
އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން ނެރުނުތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ 28 ގޮނޑި އިންތިހާބަކާ ނުލައި ޕީއެންސީއަށް ވަނީ ލިބިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 41 ގޮނޑިއެއް ޕީއެންސީއަށް ލިބިފައިވެއެވެ.