2028 އިން 2030 ގެ ދައުރަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްއަށް ރާއްޖެއިން ވާދަކުރޭނެކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަގުރީރު ކުރައްވަމުންނެވެ.
މިނިސްޓަރުގެ ތަގްރީރުގައި ޔުނިވާސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުސޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި، ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން ދެމެހެއްޓުމަށް މިނިސްޓަރ ގޮވާލެއްވި އެވެ.
މިނިސްޓަރު ވަނީ އިންސާނީ ހައްގުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުސޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަގްވާމީ މުޖްތަމައުގެ ޒިންމާއެއްކަން ހަނދާންކޮށްދެއްވާފައެވެ.
މީގެ އިތުރަށް މިނިސްޓަރ ވަނީ އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަމައި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުން މުހިންމުކަމަށް ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރުމަށާއި، ގާނޫނު ހިންގުމަށާއި, މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައިވެއެވެ. އަދި، ކޮރަޕްޝަނާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި، އަންހެން ވިޔަފާރިވެރިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކުޑަކުދިން ފަދަ ހާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާޢީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް މިނިސްޓަރު ހިއްސާކުރައްވާފައިވެއެވެ.
މިއާއެކު، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ނިޒާމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށްފައިވާކަން ފާހަގަކޮށް 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ހަތަރުވަނަ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ދިޔަކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ. އަދި ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ, އިންސާނީ ހައްގުތައް ހިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށާއި، އެ ގައުމުތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި ކައުންސިލްގައި އިތުރުކުރުމަށްކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.