ހއ. ދިއްދޫގެ އެއާޕޯޓާއި ބޯހިޔާވަހިކަމުގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް 50 ދުވަހުގެ ތެރޭގައި ނިންމާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބެލުމުގެ ދަށުން ކުރިއަށްގެންދިޔަ މި ބޮޑު މަޝްރޫއުގެ ދަށުން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މިކަން ރަސްމީކޮށް އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޝްރޫއު އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލެވުނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށްވާ “ލީވް އެރިކްސަން” ބޭނުންކޮށްގެންނެވެ. މިއީ އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ބޭރުކުރުމުގެ ގާބިލުކަން ހުރި، ދުނިޔޭގައި މިވަގުތު އޮތް އެންމެ ޒަމާނީ އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެކެކެވެ.
ދިއްދޫގައި ހިއްކި މި ބިމަކީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށާއި، ރަށުގެ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ އެއާޕޯޓު އެޅުމަށް ހިއްކި ބިމެކެވެ.