ރަމަޟާން މަހަށް ޚާއްޞަކޮށްގެން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ބަނދަރުން ކްލިއަރކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަލުވިކޮށްފިއެވެ.
އެމްޕީއެލް އިން ބުނިގޮތުގައި މުދާ ހުސްކުރުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި އެ ކުންފުނީގެ އޮޕަރޭޝަންސް ޓީމުތަކުން މިހާރު ދަނީ ރެޔާއި ދުވާލު މެދުކެނޑުމެއްނެތި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި އޮޕަރޭޝަނުގެ ތެރެއިން، މިދިޔަ އާދީއްތަ ދުވަހުގެ ރޭގަނޑު “ނިއުމަތު 3” އަދި “ބްލޫހާ” އުޅަނދުން ވަނީ ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ބާލާފައެވެ.
“ނިއުމަތު 2” ރޭގެ ވަގުތެއްގައި ބަނދަރަށް ކައިރިކޮށް މުދާ ބޭލުމުގެ މަސައްކަތް ފަށާފައިވާއިރު “ވައިޑޫރިއަމް” އަދި “އަކިލްޝާން” މިވަގުތު ބޭރު ފަޅުގައި (އެންކަރޭޖްގައި) މަޑުކޮށްގެން އޮތްއިރު، “ވީބީ ޕްރޮގްރެސް” ވެސް ވިޔަފާރި ބަނދަރަށް ބަނދަރުކުރާނެ ކަމަށް ލަފާކުރެވެއެވެ.
މި ހަފުތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު އުޅަނދުފަހަރުން ގިނަ އަދަދެއްގެ ކާބޯތަކެތި ބަނދަރަށް ބޭލުމަށް ވަނީ ތާވަލުކުރެވިފައެވެ.