ސަރުކާރުގެ މައިގަނޑު ތިން ސިނާއަތަކުން ފަންނީ މަޝްވަރާއާއި ލަފާ ހޯދުމަށްޓަކައި އެކުލަވާލާ އެޑްވައިޒަރީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން އަލުން ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިގްތިސާދީ މުހިންމު ދާއިރާތަކެއް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން، މެންބަރުން ހޯދުމަށް ހުޅުވާލާފައިވަނީ “ޓޫރިޒަމް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ”، “ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އަދި “ފިޝަރީޒް ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ” އަށެވެ.
މި ކޮމިޓީތަކުގެ މައިގަނޑު މަގްސަދަކީ ފަތުރުވެރިކަމާއި، އިމާރާތްކުރުމުގެ ސިނާއަތުގެ އިތުރުން މަސްވެރިކަމާއި މެރިކަލްޗަރގެ ދާއިރާ ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ސަރުކާރަށް ފޯރުކޮށްދިނުމެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 3 މާރިޗް 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މެންބަރުކަމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. އަދި އެ އޮފީހުގެ ރިސެޕްޝަނުންވެސް ފޯމު ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސް އޮފީހުގެ ރިސެޕްޝަނަށެވެ. މީގެ އިތުރުން info@po.gov.mv އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހަމަޖައްސާފައެވެ.