މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފެން ހިންދާ ނިޒާމު އޮޓޮމޭޓްކުރުމުގެ އަމަލީ މަސައްކަތް ޖަޕާނުގެ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ “ޕްރޮޖެކްޓް ފޮރ ޑިޒާސްޓަރ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް” ގެ ދެވަނަ ޕެކޭޖެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދު އެވެ. ޓެކް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މަކޯޓޯ ޔޮކޮށީ އެވެ. މި މަޝްރޫޢުގެ ދަށުން މާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި 16 ޕަންމްޕް ސްޓޭޝަނެއް އޮޓޮމޭޓްކޮށް، އެންމެ ޒަމާނީ އާލާތްތައް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ އެންމެ މުހިންމު އެއް ބަޔަކީ މާލޭގެ ހުރިހާ ޕަންމްޕް ސްޓޭޝަންތަކެއް އެއް މަރުކަޒަކުން މޮނިޓަރ ކުރެވޭނެ ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަނެއް ޤާއިމްކުރުމެވެ. މީގެ އިތުރުން، ފެން ހިންދާ ނިޒާމު ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ ޖެޓިންގެ ވެހިކަލްއެއް ވެސް މި މަޝްރޫޢުގެ ދަށުން ރާއްޖެއަށް ލިބިގެންދާނެއެވެ.