ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަހު ހިދުމަތް ލިބޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ތެލެސީމިއާ ކުދިންނާއި އާއިލާތަކަށް ބޮޑު ލުޔެއް ހޯދައިދިނުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. އެގޮތުން، ނިމިދިޔަ ހުކުރު ދުވަހު އެކަނިވެސް 14 ކުއްޖަކަށް ލޭ އެޅުމުގެ ޚިދުމަތް ދީފައިވާއިރު، 5 މީހަކު ވަނީ ލޭ ހަދިޔާކޮށްފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލާއެކު އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށް ހަފުތާ ބަންދުގައި އެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި ކުރިއަށް އޮތް ރޯދަ މަސް ނިމުމަށްފަހުވެސް، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ސެންޓަރުގެ ޚިދުމަތް މެދުކެނޑުމެއް ނެތި ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެ ސެންޓަރުގެ 31 އަހަރުގެ ދިގު ތާރީހުގައިވެސް، މީގެ ކުރިން، ރަސްމީ ސިފައެއްގައި ހުކުރު ދުވަހު ހިދުމަތްދީފައެއް ނުވެ އެވެ.
ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.