އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ޚިދުމަތް ޒޯން 4 ގައި ހިމެނޭ ދ. އަތޮޅާއި ފ. އަތޮޅުގެ ދަތުރުތަކަށް ނަގާނެ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު އާއްމުކޮށްފި އެވެ.
ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ މި އަގުތަކުގެ ތެރޭގައި ދެ އަތޮޅުގެ އެތެރޭގެ ދަތުރުތަކާއި، ދެ އަތޮޅު ގުޅުވައިދޭ ދަތުރުތައް ހިމެނެއެވެ.
ފ. އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ބަލާއިރު، އެއްކޮޅު ދަތުރުތަކުގެ އަގުތައް އުޅެނީ 35 ރުފިޔާ އާއި 70 ރުފިޔާއާ ދެމެދުގައެވެ. ދެކޮޅު ދަތުރެއްނަމަ އެންމެ އަގުހެޔޮކޮށް 65 ރުފިޔާއަށް ދަތުރުކުރެވޭއިރު، އެންމެ އަގުބޮޑު ދަތުރަކަށް ނަގާނީ 130 ރުފިޔާއެވެ.
ދ. އަތޮޅުގެ އެތެރޭގެ ދަތުރުތަކަށް ބަލާއިރު، އެންމެ އަގުހެޔޮކޮށް އެއްކޮޅު ދަތުރެއް ކުރަނީ 35 ރުފިޔާއަށެވެ. ނަމަވެސް ފ. އަތޮޅާ އަޅާބަލާއިރު ދ. އަތޮޅުގެ ބައެއް ރޫޓުތަކުގެ ދުރުމިނަށް ބަލައި އަގުތައް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ދ. އަތޮޅުގެ އެތެރޭގެ ދަތުރަކަށް އެއްކޮޅަށް 125 ރުފިޔާ އަދި ދެކޮޅު ދަތުރަކަށް 225 ރުފިޔާއާ ހަމައަށް އަގުތައް އުޅެއެވެ.
މީގެ އިތުރުން ފ. އަތޮޅާއި ދ. އަތޮޅު ގުޅުވައިދޭ ދަތުރުތަކުގެ އަގުތައް ވަނީ އެއްކޮޅު ދަތުރަކަށް 130 ރުފިޔާ އާއި 150 ރުފިޔާއާ ދެމެދުގައި ކަނޑައަޅާފައެވެ. އަދި މި ދެ އަތޮޅު ދެމެދު ކުރާ ދެކޮޅު ދަތުރެއްގެ އަގު އުޅެނީ 260 ރުފިޔާ އާއި 300 ރުފިޔާއާ ދެމެދުގައެވެ.
އާރުޓީއެލްގެ އާންމު އުސޫލުގެ ދަށުން، 65 އަހަރުން މަތީގެ އިސްރަށްވެހިންނާއި، 3 އަހަރުން ދަށުގެ ކުޑަކުދިންގެ އިތުރުން އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އައިޑީ ކާޑު ދެއްކުމުން މުޅިން ހިލޭ ދަތުރުކުރެވޭނެ އެވެ.