މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް އަލުން މާލެ ނޯތު ހާބަރަށް ބަދަލުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމްއެމްއޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ޕަސެންޖަރުން އުފުލާ އުޅަނދުތައް، މިހާރު އަލުން މާލޭ ނޯތު ހާބަރުގެ ‘އޭ ޒޯން’ އަށް ބަނދަރުކުރަން ފަށައިފަކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
މިއާއެކު އެމްޕީއެލުން ބުނިގޮތުގައި، މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން ‘އޭ ޒޯން’ އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ހިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށެވެ.
ނޯތު ހާބަރުގެ ހިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުންކަމަށް އެމްޕީއެލުން ބުނެފައިވެއެވެ. މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިއާއެކު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ ‘ބީ ޒޯން’ އަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށް އެމްޕީއެލުން ވަނީ ބުނެފައެެވެ.