ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ފަރާތްޕުޅުން ދެއްވާ ރޯދަވީއްލުމުގެ ޕްރޮގްރާމް ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ.
މި ޕުރޮގުރާމް އިފްތިތާހްކޮށްފައި ވަނީ އިއްޔެ ހަވީރު 5:30 ގައި އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އަދި މި ޕުރޮގުރާމް އިފްތިތާހްކޮށްދެއްވާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ޕްރޮގުރާމު އިފްތިތާހް ކުރެއްވުމަށްޓަކައި ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ ވަނީ ބައިވެރިވެލައްވާފައެވެ.
މިއާއެކު، މި ހަރަކާތް އިފްތިތާހް ކުރެއްވުމަށްޓަކައި ސައުދީގެ އިސްލާމިކް މިނިސްޓްރީގެ އިސް ވަފުދެއް ވަނީ ވަޑައިގަންނަވާފައެވެ. މި ޕްރޮގްރާމްގެ ދަށުން ރޯދަމަހުގެ ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން އިންތިޒާމުކުރައްވާ މި ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.