ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑުރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ބުނެފައިވެއެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި ފުލުހުންނަށް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ36 އަހަރުގެ ހަނީފް އާއި ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (28އ) ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.