މީހަކު ރަހިނުކުރި މައްސަލާގައި ތުހުމަތު ކުރެވޭ ބަނގުލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މަހުގެ19 ވަނަ ދުވަހުގެ މެންދަމު 01:22 އެހައިކަންހާއިރު ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ކުރި ތަހުގީގުތަކުން، އެ މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިފަހައްޓާފައިހުރި މީހާ ވަނީ އެރޭ 02:29 އެހައިކަންހާއިރު ސަލާމަތްކޮށްފައިކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި ރަހީނުކޮށްފައި ހުރި މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ 35 އަހަރުގެ އިގްބާލް މިއާ ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މީނާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތެއްކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.