ޓާމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއްކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕަނީ މިނިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑައިރެލްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން, ޓާމިނަލް 2 އަށް ރަސްމީކޮށް ބަދަލުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަން, ޓާމިނަލް 2 އަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށެވެ.
އަދި އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ގާތުން ބައްލަވައި ކަންކަމުގައި އިރުޝާދާއި ލަފާފުޅު ދެއްވާ ކަމަށް ވިދާޅުވެ އެކަމަށްޓަކައި އެމްޑީ ވަނީ ރައީސްއަށް ޝުކުރު ދަންނަވައިފައެވެ.
އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, ވީއައިއޭގެ އިންޓަރނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓާމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ.