ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެެއަށް 1،853،495 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ ނޮވެމްބަރު މަހުގެ ފުރަތަމަ ހަތަރު ދުވަހު ރާއްޖެއަށް 26،561 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ މިިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.6 އިންސައްތަ އިތުރު އަދެދެކެވެ. މިދިޔަ އަަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 23،580 ފަތުރުވެރިންނެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާ މާކެޓުންނެވެ. އެމާކެޓުން މިއަހަރުގެ މިހާތަނަށް 296،135 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 16 އިންސައްތައެވެ.
އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓުތައް:
- ޗައިނާ- 296،135 ފަތުރުވެރިން
- ރަޝިއާ- 232،834 ފަތުރުވެރިން
- އިނގިރޭސިވިލާތް- 163،977 ފަތުުރުވެރިން
- ޖަރުމަނުވިލާތް- 121،924 ފަތުރުވެރިން
- އިޓަލީ- 137،291 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފަތުރުވެރިންނަށް ހިދުމަތްދިނުމަށް މިނިސްޓްރީން ވަނީ 1،299 ތަނަކަށް ހުއްދަދީފައެވެ. އެއީ، 181 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 935 ގެސްޓްހައުސް އަދި 167 ސަފާރީއެވެ. މިތަންތަނުގެ ބެޑް ކެޕޭސިޓީ 66،848 އަށް އަރައެވެ.