ބިންހިއްކުމާއި ބަނދަރުގެ މަސައްކަތްތައް ހިމެނޭހެން، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިމޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ށ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މިލަންދޫގެ ބިންހިއްކުމާއި އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މިއަދު ވަބީ ފަށާފަ އެވެ. ރައީސް ވިދާޅުވީ، މިއަދު ފެށި 40 ހެކްޓަރުގެ ބިންހިއްކުމުގެ އަމަލީ މަސައްކަތް، 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި އެއަރޕޯޓު ތަރައްޤީގީކުރެވެން އޮތީ، ރަށުގެ ބަނދަރު އެހެން ތަނަކަށް ބަދަލުކޮށްގެން ކަމުގައިވާތީ، މިހާރަށްވުރެ ފެންވަރު ރަނގަޅު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބިންހިއްކުމާއި، ބަނދަރުގެ މަސައްކަތް ހިމެނޭގޮތަށް، ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓު އޮޕަރޭޝަނަށް ގެންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން، މިލަންދޫގައި 50 ހައުސިންގ ޔުނިޓު ގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ފޭސް 2 ގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އަދި މިލަންދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާގާއިމުކުރުމުގެ މަޝްރޫއުގެ އެއްބަސްވުމާއި، މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައި ވެއެވެ.
މިއަދު މިލަންދޫގައި ވަނީ، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އިސްލާމީ މަރުކަޒު އިމާރާތްކުރުމާއި، ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓާފައެވެ. އަދި މިލަންދޫ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު ހުޅުވައިދީ، އެ ރަށުގައި ޕާސްޕޯޓް ދޫކުރުމުގެ ޚިހިދުމަތް މިއަދު ވަނީ ފައްޓާފަ އެވެ.
މި މަޝްރޫއުތަކުގެ ތެރެއިން، އިސްލާމީ މަރުކަޒު އިމާރާތްކުރަނީ 700 މީހުންގެ ޖާގައިގެ، ޒަމާނީ މަރުކަޒެއްގެ ގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލުގެ އާ އިމާރާތް ވެގެންދާނީ 30 އެނދުގެ ޖާގައިގެ އިމާރާތަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދާނީ ރިންގް ރޯޑެއްވެސް ހިމެނޭ ގޮތަށް ކަމަށާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ރިވެޓްމަންޓް ޖަހާނީ ރަށުގެ ބިމުގެ ޖާގަ އިތުރުކުރެވޭނޭގޮތަށް ކަމުގައި ރައީސް ވިދާޅުވިއެވެ.