ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓުތައް ވަގަށް ނެގި މައްސަލާގައި ރޭ ހައްޔަރުކުރި، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)ގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
އެމްޕީއެލްގެ ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލްގައި ހުއްޓާ ވަގަށް ނަގާފައިވަނީ، އޭޕްރީލް މަހު ވަގަށް އެތެރެކުރަނިކޮށް ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރެޓު ވަގަށް ނަގާފައިވާކަން އެނގުނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.
އެ މައްސަލާގެ ތަހުގީގު މިހާރުކުރިއަށްދާއިރު ފުލުހުން ވަނީ އެކަމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެއީ:
- މއ އެވަރ ގްލޯރީ، އަހްމަދު އާރިފް (ލޮޓަސް އާއްޓޭ)
- ބ. އޭދަފުށީ، ދިގަލި، މުހައްމަދު ވަހީދު (ދިގަލި)
- ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒު އަލީ
- ކަސްޓަމްސްގެ ޑިޕާޓްމަންޓެއްގެ އިސްވެރިއެއް ކަމަށްވާ ޒިވާރު އިސްމާއިލް
ފުލުހުން ބުނީ، އެ މީހުންގެ ބަންދާ މެދި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އާރިފްއާއި ޒިވާރު 15 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. މުހައްމަދު ވަހީދަށް 10 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު މުއާޒަށް ފަސް ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. މި މައްސަލައާ ގުޅޭ އޮޕަރޭޝަނެއް ރޭ ވެސް ކުރިއަށްދިޔަ ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފި އެވެ.