އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޣަނީ މަގާމުގެ ހުވާކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަނިކުފާނަށް މަގާމުގެ ފަތްކޮޅު އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެމަނިކުފާނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމުގެ ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ އިސްކަން ދިން ނަމެއްގެ ގޮތުގައި ރައީސަށް ފޮނުއްވީ ވެސް ޣަނީގެ ނަންފުޅެވެ.
ޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރުގެ ނިޔަލަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު 2004 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އޭނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް މަޖިލީހުން އެމަނިކުފާނު އެ މަގާމުން ވަކިކުރެއްވި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރު ކަމަށް އެމަނިކުފާނު އައްޔަން ކުރެއްވި އެވެ.