ހަރުދަނާ ތައުލީމީ ސިސްޓަމެއް ގާއިމްކުރުމަށްޓަކައި، ދަރިވަރުންގެ ކާމިޔާބީ ވަޒަންކުރުމުގައި ހަމައެކަނި ބަލާ މިންގަނޑަކީ އިމްތިހާނުތަކުންލިބޭ ނަތީޖާއަށް ވެގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގެ ކުރިއެރުވުމަށް ބޭއްވި ހާއް ކޮންފަރެންސެއްގެ ޝަރަފުވެރި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނަކީ ސިނާއަތްތަކާއި، އީޖާދީ ވިސްނުންތަކާއި، ވިލުންތެރި އިގްތިސާދެއް ގާއިމްކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ހަގީގަތަކަށް ހެދުމަށްޓަކައި، ދަރިވަރުންގެ ބެކްގްރައުންޑާއި، ގާބިލުކަމާއި، ކަންކަން ދަސްކުރުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދޭނެ އިންކްލޫސިވް ކްލާސްރޫމްތަކެއް ސްކޫލްތަކުގައި ހުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް އަލިއަޅުއްވާލެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ޒަމާނީ ކުރިއެރުންތަކާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން ކިޔަވައިދިނުމަށް ބޮޑެތި ފަސޭހަތަކެއް ލިބުނު ނަމަވެސް، އެއީ މުދައްރިސުން ކުރާ ބުރަ މަސައްކަތުގެ ބަދަލުގައި ބޭނުންކުރެވޭނެ ވަޞީލަތްތަކެއް ނޫން ކަމަށެވެ. ޓެކްނޮލޮޖީގެ ސަބަބުން އުނގަންނައިދިނުން ލުއިފަސޭހަވިޔަސް، ދަރިވަރުންނަށް ރީތި އަޚްލާޤާއި ހަމަތައް ދަސްކޮށްދީ، އެކުދިންނަށް ހިތްވަރުދީ ބިނާކުރަނީ މުދައްރިސުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެފަދަ ކަންކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވަމުން، މުދައްރިސުންގެ ހީވާގި މަސައްކަތާއި އިސްނެގުމާ ނުލައި ތަޢުލީމީ އެއްވެސް ސިޔާސަތެއް، މަންހަޖެއް ނުވަތަ އީޖާދީ ބަދަލެއްވެސް ކާމިޔާބު ނުކުރެވޭނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑޮކްޓަރއިސްމާއިލް ޝަފީއު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އުސްތާޛު ހުސައިން މުޙައްމަދު ލަތީފަށް ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ.
ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން މި މަހުގެ 12 އިން 13 އަށް ކުރިއަށްގެންދާ މި ކޮންފަރެންސް ކުރިއަށްދަނީ “ރީއިމޭޖިން، ރީތިންކް، ރިފޯމް – އެޑްވާންސިންގ އިނޮވޭޝަން ފޯ އެން އެކުއިޓަބަލް އެންޑް ރެޒިލިއެންޓް ފިއުޗަރ” މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި ރާއްޖެއާއި ބޭރުގެ ތައުލީމީ ދާއިރާގެ މުދައްރިސުންނާއި، އިސްވެރިންގެ އިތުރުން ދިރާސާވެރިން ބައިވެރިވެ، ތައުލީމީ ދާއިރާގެ ކުރިމަގު ބައްޓަންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތާއި ހިޔާލު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.