ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަނެފިއެވެ.
އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި، ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުން އޮންނާނީ މާދަމާއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު މި ދަތުރުފުޅުގައި، ރައީސްއާއެކު، ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި ދެ ގައުމުގެ އިސްވެރިންގެ ހާޒިރުގައި ބައެއް ފަހުމުނާމާ ތަކުގައި ސޮއިކުރައްވާ، މިކަމުގެ ލިޔެކިޔުންތައް ބަދަލުކުރަށްވާނެއެވެ.
އެއަށް ފަހު ދެ ގައުމުގެ ލީޑަރުންގެ މެދުގައި ކުރިއަށްގެންދެވި މަޝްވަރާތަކުގެ ނަތީޖާއާ ގުޅޭގޮތުން ދެބޭފުޅުންވެސް ނޫސްވެރިންނަށް ބަޔާނެއް ދެއްވާނެއެވެ.
މިއީ ނޮވެމްބަރު 2022 ގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.