މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) ގެ ރައީސް މުހައްމަދު ފަރްޝަތު، ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ އިސްވެރިންނާދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމަކީ ރާއްޖޭގެ މީޑިއާ އާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ބައިނަލްއަގުވާމީ ފުރުސަތުތައް ފަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
މީޑިއާ ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުވުމުގައި އެންމެ ބޮޑު އިސްކަމެއް ދީގެން މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ ނޫސްވެރިންނަށާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނާއި، މާލީ އަދި އިލްމީ ތަޖުރިބާގެ އާ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުންނެވެ.
ސައުދީ ސަފީރުގެ ވާހަކަފުޅުގައި، މޯލްޑިވްސް މީޑިއާ ކޮމިޝަނާއި ސައުދީ އަރަބިއްޔާގެ މީޑިއާ ރެގިއުލެޓަރީ އިދާރާތަކާ ދެމެދު އޮތް ގުޅުންތައް އިތުރަށް ވަރުގަދަކޮށް ބަދަހިކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެއިތުރުން، ދިވެހި ނޫސްވެރިންނަށް ހައްޖާއި އުމްރާގެ އަޅުކަމުގެ ހަރަކާތްތައް ކަވަރުކުރުމަށް ލިބޭ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ކޮމިޝަނުން ހާމަކުރި ގޮތުގައި، ދިވެހި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކި ދާއިރާތަކުން ފަންނީ ތަމްރީނާއި އަމަލީ ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެ އިދާރާއިން ދަނީ އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބޭރުގެ އެމްބަސީތަކާ ގުޅިގެން މިހާތަނަށް މިފަދަ ތިން ބައްދަލުވުމެއް ކާމިޔާބުކަމާއެކު ބާއްވާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
މިފަދަ އިތުރު ބައްދަލުވުންތައް އެކި އިދާރާތަކާއެކު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.