ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުންވެއްޖެ ހާލަތެއްގައި ނެގޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު މަޖިލީހަށް ހުށަހެޅި މި ބިލު ފާސްވުމުން، ގައުމީ ތަރައްގީގެ ބޭނުންތަކަށާއި ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގުމަށްޓަކައި، ކައުންސިލްތަކުގެ ބާރުގެ ދަށުގައި ހުންނަ ބިންތައް އަނބުރާ ނެގުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބިގެންދާނެއެވެ.
މި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ބިލު މަޖިލީހުން ފާސްކުރީ ކައުންސިލްގެ ބިމުގައި ކޮށްފައިވާ އިންވެސްޓްމެންޓްތަކަށް ސަރުކާރުން އެކަށީގެންވާ ބަދަލުދޭންޖެހޭ ގޮތަށް، ލާމަރުކަޒީ ކޮމިޓީން މުހިއްމު އިސްލާހެއް އިތުރުކުރުމަށްފަހުގައެވެ.
ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި މި އިސްލާހުގައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ސަރުކާރަށް ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ އަމިއްލަ ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެ ފަރާތްތަކަށް ބަދަލު ހޯދައިދޭންޖެހޭނެއެވެ.
މި ބިލަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށްޓަކައި ގެނައި މުހިއްމު އިސްލާހެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1