ޤައުމެއްގެ ސައިޒަކީ އެ ޤައުމެއްގެ އަޚްލާޤީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫން ކަމަށާއި، ނިކަމެތިންގެ ޙައްޤުގައި ތެދުވުމަކީ ދިވެހިރާއްޖޭގެވެސް ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖުގައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ނުރައްކާތަކާ ކުރިމަތިލަމުން، މުޅި އިންސާނިއްޔަތުގެ ހެވާއި ލާބައަށްޓަކައި މަސައްކަތްކުރާ އިންސާނީ ޚިދުމަތްތެރިންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން އެމަނިކުފާނުގެ މެސެޖުގައި ކަށަވަރުކޮށްދެއްވިއެވެ. މީގެ އިތުރުން، ހަނގުރާމަތަކާއި، ހާލުގައި ޖެހި ގެދޮރު ދޫކޮށްލަންޖެހުމާއި، ބަނޑުހައިހޫނުކަމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކާ ހުރެ، ދުނިޔޭގައި އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ މިންވަރު އިންތިހާއަށް އިތުރުވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.