ދިވެހި އިންޖިނިއަރުންނާއި މި ދާއިރާގެ ފަންނުވެރިންގެ މަސައްކަތުގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ދޭ “އިންޖިނިއަރސް އެވޯޑު” އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި އެވޯޑަކީ ރާއްޖޭގެ ތަރައްޤީއަށް އިންޖިނިއަރުން ކުރާ މަސައްކަތްތައް ފާހަގަކުރުމަށް ދޭ ޝަރަފްވެރި އެވޯޑެކެވެ.ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އެވޯޑަށް ފުރުޞަތު ހުޅުވާލާފައިވަނީ އޮގަސްޓު މަހުގެ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ. މިއަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް އެ މިނިސްޓްރީން ވަނީ ނިންމާފައެވެ.
އެއީ:
- އިންޖިނިއަރ އޮފް ދަ އިޔަރ
- ލައިފްޓައިމް އެޗިވްމަންޓް އެވޯޑް
- ޔަންގް އިންޖިނިއަރ އެވޯޑް
- ވިމެން އިން އިންޖިނިއަރިންގ އެވޯޑް
- އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑް
- ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު
- އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފާރމް އޮފް ދަ އިޔަރ އެވޯޑު
- ސްޓޫޑަންޓް އިނޮވޭޓަރ އެވޯޑު
- ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު
- ކޮންޓްރެކްޓަރ އޮފް ދަ އިޔަރ އެވޯޑް
ހައުސިންގ މިނިސްޓްރީން ބުނީ، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ‘އިންޖިނިއަރސް އެވޯޑު ދިނުމާ ގުޅޭ އުސޫލު’ ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ހަމަވާ ކޮންމެ ފަރާތަކަށްވެސް މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. މި އެވޯޑަށް ނަން ހުށަހެޅުމަށް ބޭނުންވާ އޮންލައިން އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން އިޤުރާރު ފޯމު، މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.