މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި އެވެ.
މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފަށާފައިވާ “އޮޕަރޭޝަން އަލިމަގު”ގެ ދަށުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
ފުލުހުން ބުނީ މިއަދު ކުރިއަށް ގެންދާ މި އޮޕަރޭޝަނަކީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އަމާޒުކޮށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށް ދާނެ އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެންނެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން “އޮޕަރޭޝަން އަލިމަގު” ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.