ރިސޯޓުތަކުގައި ބޭނުންކޮށް އުކައިލާ ތެޔޮ ވިއްކި ކަމުގެ ތުހުމަތުގައި ހުޅުމާލޭން ބަޔަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި އޮތް ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައިކަމަށެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ފަސް މީހުންނެވެ.
މި މީހުން ހައްޔަރުކޮށް، ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ބަލައިފާސްކުރިއިރު ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު އެކަކު ދޫކޮށްލައި، ދެންތިބި ހަތަރު މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ ‘ކާބޯތަކެތީގައި ހުންނަންޖެހޭ އާންމު ޝަރުތުތައް’ މިފަދަ ތެލުގައި ފުރިހަމަ ނުވާނެކަމަށެވެ. އަދި ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތިން ތަގައްޔަރުވެފައިވާ ތެޔޮކަމުގައިވުމުގެ ފުރުސަތު ބޮޑުކަންވެސް ފާހަގަކޮށްފައި ވެއެވެ.