ޅ ނައިފަރުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެކަމަށާއި، ނައިފަރުގެ ތަރައްގީ ހަގީގަތަކަށް ހެއްދެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، ޅ އަތޮޅަށް ކުރެއްވ ދަތުރުފުޅުގައި އެ އަތޮޅު ނައިފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ. މި ދަތުރުފުޅުގައި ނައިފަރުގެ ތަރައްގީއަށްޓަކައި ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި، އަމަލީ މަސައްކަތްތައް ފެއްޓުން ހިމެނިފައިވާއިރު، މިއީ ހުރިހާ ގޮތަކުން ހަމަޖެހިފައިވާ ކަންކަންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނައިފަރަކީ ދެމެހެއްޓެނިވި ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ވަނީ، މަޝްރޫއުތައް ނުހުއްޓި، ބާރު ދުވެލީގައި ކުރިއަށްގެންގޮސްދެއްވާ، ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ރަށުގެ ތަރައްގީއަށް ކުރައްވާ ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ، އައު ބަނދަރާއި މިހާރު އޮތް ބަނދަރުގެ ކެޕޭސިޓީ އިތުރުކުރުމާއެކު، އަނެއްކާވެސް، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބޮޑު ބަނދަރެއް އޮތް އެއް ރަށަށް ނައިފަރު ވާނޭ ކަމަށާއި، ހަމަ ޔަގީނުންވެސް އުތުރުގައި އޮންނަ އެންމެ ބޮޑު ބަނދަރަށް ވާނެކަމުގައި ވިދާޅުވެފައެވެ.
ރާއްޖޭގެ ތައުލީމީ ހަޔާތުގައި ނައިފަރަކީ ފަހުރުވެރި ރަށެއްކަމުގައި ސިފަކުރައްވަމުން ރައީސް ވަނީ އާބަން ސެންޓަރެއްގެ ހައިސިއްޔަތުން ރަށުގެ ތައުލީމީ ދާއިރާގެ ކުރިއެރުމަށްޓަކައި މުހިންމު މަޝްރޫއުތަކެއް ހިންގަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ނައިފަރުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ރޭގެ ޖަލްސާގައި ސޮއިކޮށްފައިވާއިރު، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ކެމްޕަހަކާއި ދަނާލެއް ގާއިމުކުރުމުގެ މަސައްކަތް ދާދިއަވަހަށް ފެށޭނެކަމުގެ ޚަބަރު، ރައީސް ވަނީ ހިއްސާކުރައްވާފައެވެ.
މީގެ އިތުރުން، 10 ކުލާސްރޫމްއާއި، އެކި ކަހަލަ ލެބްތައް ހިމެނޭ ގޮތަށް ސްކޫލަށް އިތުރުކުރެވޭ ޢިމާރާތުގެ ޢަމަލީ މަސައްކަތްވެސް މިއަހަރު ތެރޭ ފަށާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަމިއާއެކު ނައިފަރުގެ އިސްލާމީ މަރުކަޒު ގާއިމުކުރުމުގެ ކަންކަންވެސް ހަމަޖެހިފައިވާކަމަށާއި، މި އަހަރު ތެރޭގައި އަމަލީ މަސައްކަތްތައް ފެށޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސިއްހީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ ސްކޯޕް އަދިވެސް އިތުރަށް ފުޅާކުރައްވައި، 50 އެނދުގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ. އަދ އަރބަން ސެންޓަރެއްގައި ލިބެން ހުންނަ ސިއްހީ ޚިދުމަތްތައްވެސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަމުގެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.