ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ޑޮލަރުތަކެއް ފޭރުނު މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށް، އެމީހުން ބޭނުންކުރި ލޯންޗް ހޯދައިފި އެވެ.
ވީއައިއޭގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކުގެ ދެ މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގަނެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ރޭ ފަތިހު 4:25 ހާއިރު އެވެ.
މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު އެއާޕޯޓުގައި ހިނގި ފޭރުމާ ގުޅިގެން ފުލުހުން ކުރަމުން އަންނަ ތަހުގީގުގައި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ކުށް ކުރުމަށް ބޭނުންކުރި ލޯންޗު ހޯދާފައިވާކަމަށާއި، ތުހުމަތުކުރެވޭ ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އިހުސާން ވަނީ މި ތަހުގީގުގައި ފުލުހުން ކުރަމުން އަންނަ ހަލުވި މަސައްކަތަށް ތައުރީފު ކުރައްވައިފަ އެވެ.