ލ. ހިތަދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހިތަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި މިއަދު މި ފެށި މަސައްކަތަކީ، ރަށުގެ ހެލްތް ސެންޓަރު،ކުރިއަށް އޮތްތަނުގައި ހޮސްޕިޓަލަކަށް ބަދަލުކުރުމަށްޓަކައި ކުރާ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެށެވެ.
މިއަދު އެރަށުގައި އަމަލީ ގޮތުން މަސައްކަތް ފެށި، ހިތަދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ އައު އިމާރާތް ވެގެންދާނީ އެ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރެއްވުމަށް ކުރައްވާ މަސައްކަތަށް ލިބޭ ކުރިއެރުމަކަށް ކަމަށެވެ. އަދި ކުރިއަށް އޮތް 2026 ވަނަ އަހަރު، ޖުމުލަކޮށް މުޅި ރާއްޖޭގެ ސިއްހީ ދާއިރާގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރެއްވުމަށް އަހުމިއްޔަތުކަން ދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އިންސާނީ ވަސީލަތްތަކުގެ އެހީގައި ސިއްހީ ހިދުމަތްދޭ ބައެއް މަރުކަޒުތަކުގެ ފެންވަރު މަތިކޮށް، ބައެއް މަރުކަޒުތަކުން ހިދުމަތްދޭ ވަގުތު އިތުރުކުރުމަށް މަގުފަހިވެގެންދާނޭކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކީގައި، ޞިއްޙީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ނެގުމަށްޓަކައިވެސް އަޅުގަނޑުމެން ވަރަށް އިސްކަންދެން. މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި، ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް އެބަ ދެން. މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް. އެހެންވީމާ، އޭގެތެރޭގައި ހިމެނޭނެ، އިތުރަށް ބޭނުންވާ މުވައްޒަފުން ނެގުން. އެއީ، ބައެއް ރަށްރަށުގައި ގަޑި އިތުރުކުރުމާއި، ބައެއް ރަށްރަށުގެ ހޮސްޕިޓަލްތައް އަޕްގްރޭޑް ކުރުމާއި، މިހެންގޮސް އެކި ކަންކަމަށް ބޭނުންވާ މުވައްޒަފުން ނެގުން. އެހެންވީމާ، އޭގެތެރެއިން މި ރަށަށްވެސް، އިރާދަކުރެއްވިއްޔާ އިތުރު މުވައްޒަފުން ނެގުމުގެ ފުރުޞަތުވެސް ލިބޭގޮތަށް، އަޅުގަނޑުމެން މިކަން މި ރާވަނީ. އެހެންވީމާ، އެއީ އެއް ކަންތައް އަޅުގަނޑު ފާހަގަކޮށްލާ.”
ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިފާނުގެ ރިޔާސީ ވައުދުތަކާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއްގެ އެކި މަރުހަލާތައް ފައްޓަވައިދެއްވާފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް ފައްޓަވައިދެއްވައި ބޭންކް އޮފް މޯލްޑިވްސް ލ. ހިތަދޫ ބްރާންޗުގެ ބިންގާއަޅުއްވާފައެވެ.