ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތައް ހެޔޮއަގެއްގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ބާވަތްތައް އެސްޓީއޯއިން ވިއްކަން ފަށައިފިއެވެ.
އަސާސީ ބާވަތްތައް ހެޔޮއަގެއްގައި ލިބެންހުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން 23 ވާބަތެއް ހިމަނާފައިވާކަަން ސަރުކާރުން ހާމަކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގަ އެވެ.
އެސްޓީއޯއިން އިއްޔެ ވަނީ މިބާވަތްތައް ބާޒާރަށް ނެރެ ވިއްކަން ފަށާފަ އެވެ. މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެއެވެ.
މިހާރު ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތް:
• ދޮންކެޔޮ
• ފިޔާ
• އާފަލު
• އިނގުރު
• އޮރެންޖު
• ކެރެޓު
• ލުނބޯ
• ބަށި
• ޖުމްހޫރީމޭވާ
• ކައްޓަލަ
• އަނބު
• އަލުވި
• ފަޅޯ
• ކެބެޖު
• ކަރާ
• ބަރަބޯ
• މިރުސް
• ބޯވެލި
• މޭބިސްކަދުރު
• ލޮނުމެދު
އެހެނިހެން ތިން ބާވަތުގެ ކާބޯތަކެތި
• ރީނދޫ މުގު
• ކުކުޅު ބިސް
• ކާށި
އެސްޓީއޯއިން މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައިވާނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކުރުމަށް ފަހު އެވެ. އަދި އަންނަ ބަދަލުތަކާއިއެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެންނާނެކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ވިއްކާ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ “އަގުމަގު” ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
ބާޒާރުގައި މިތަކެއްޗަށް އޮންނަ ޑިމާންޑަށް ބަލައި މި ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކުރުމުގެ ގޮތުން އެސްޓީއޯއަށް އިތުރަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާކުރަމުންދާކަމަށް އެކުންފުނިން ބުނެފައި ވެއެވެ.