ކުނބުރުދޫގެ ތަރައްގީއަށް ކުރިޔަށްގެންދާ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ އދ ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ކުނބުރުދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރައްވަމުންނެވެ.
މި ބައްދަލުވުމުގައި ވަނީ ކުނބުރުދޫ ބިންހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އަދި ސްކޫލްގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއެވެ. މި މަޝްރޫއުތަކުގެ އިތުރުުން، އދ. އަތޮޅުގައި އޮންނަ ފޮފަޅަގައު، ކުނބުރުދޫގެ ބައެއްގެ ގޮތުގައި ހިމެނުމަށް އެތަން ކުނބުރުދޫ ކައުންސިލާ ރަސްމީކޮށް ވަނީ ހަވާލުކޮށްފަ އެވެ.
ރަށު ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ އިސް ވެރިންނާއި ރައްޔިތުންނާއެކު ކުނބުރުދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މިބައްދަލުކުރެއްވުމުގައި، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ރައީސްއާ ހިއްސާކުރެއްވިއެވެ.
ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ހިޔާލުތަކަށް ރިއާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މިއަދު ސޮއިކުރި ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އަންނަ ނޮވެންބަރު މަހު ފެށޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ބިންހިއްކައި ނިމުމުގެ ކުރިންވެސް ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް އަންނަ އަހަރު ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުނބުރުދޫގައި މިއަދު އަމަލީ މަސައްކަތް ފެށި، އަދި ސޮއިކުރި މަޝްރޫއުތަކަކީ ރަށުގެ ކުރިމަގަށް އެޅުނު ފިޔަވަޅެއް ކަމަށާއި އެއިން ކޮންމެ މަޝްރޫއުއެއްވެސް ސަމާލުކަން ދެއްވައިގެން ކުރިއަށް ގެންދަވާނެކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށައެޅި ކަންކަން އަޑުއައްސަވައި، ހިޔާލު ބަދަލުކުރައްވާފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވާފައެވެ.