ޓްރާންސްނޭޝަނަލް ކުށްތަށް ހުއްޓުވުމަށް ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި ގާތް ގުޅުމެއް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާސީލް ނަވީން ވިދާޅުވެއްޖެ އެވެ.
ސީޕީ މިހެން ވިދާޅުވީ ގަތަރުގެ ދޯހާގައި ބޭއްވި ދެވަނަ ސައިންޓިފިކް ސިމްޕޯޒިއަމްގައި ވާހަކަ ދައްކަވަމުންނެވެ.
މި ސިމްޕޯޒިއަމްގައި ސީޕީ ނަވީން ވަނީ، ގާނޫނާ ހިލާފު އުކުޅުތައް ބޭނުންކޮށްގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ދެނެގަތުމުގައި ފުލުހުގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. ސީޕީ ވިދާޅުވީ، ޖިއޮގްރަފީގެ ގޮތުންނާއި އަލަށް ތައާރަފުވަމުންދާ ޓެކްނޮލޮޖީގެ ސަބަބުން ގާނޫނު ތަންފީޒުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންސާނީ ވަސީލަތްތައް ތަރައްގީކުރުން މުހިންމުކަމަށެވެ.
މީގެއިތުރުން ގާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހޯދުމާއި، އެ މުވައްޒަފުން ތަމްރީނުކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމާއި، މި މަސައްކަތަށް އަންހެން މުވައްޒަފުންގެ ފަރާތުން ލިބެމުންދާ ކުރިއެރުންތައް ސީޕީ ނަވީން ފާހަގަކުރެއްވިއެވެ.
މި ސިމްޕޯޒިއަމްގައި އަރަބި ގިނަ ގައުމުތަކެއްގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ކަމާގުޅުންހުރި މުވައްޒަފުންނާއި، އިންޓަރޕޯލް އަދި ޔޫއެންއޯޑީސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ސިމްޕޯޒިއަމްގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ގަތަރު ޕޮލިސް އެކަޑަމީގެ އިސްވެރިނާ ބައްދަލުކުރައްވައި ދިވެހި ފުލުހުންގެ ހިދުމަތުގެ އިންސާނީ ވަސީލަތްތައް ފުޅާކުރުމަށް ދެ ގައުމުގެ ޕޮލިސް އެކެޑެމީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އެގޮތުން، ކޮމްޕްލެކްސް އިންވެސްޓިގޭޝަންގެ ދާއިރާތަކާއި، ފުލުހުންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ސީނިއަރ އޮފިސަރުން ތަމްރީނުކުރުމަށް ގަތަރު ޕޮލިސް އެކަޑަމީގައި ހުރި ފުރުސަތުތައް ދިވެހި ފުލުހުންނަށް ހޯދައިދިނުމާ ގުޅޭ މަޝްވަރާތައް ކުރިޔަށްގެންގޮސްފައި ވެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ މި ދަތުރުފުޅަކީ މި ސިމްޕޯޒިއަމްގައި ތަގުރީރު ކުރެއްވުމަށް އިންޓަރޕޯލްގެ ފަރާތުން ދިން ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.